"މިކޮއެ ބައްޕަ ބައޭ ބައޭ" ރިލީޒް ކުރުމާއި އެކު މަޙުދީގެ ތަޢުރީފު ޓީމުގައި ހިމެނުނު ފަރާތްތަކަށް ވަކިވަކިން

ދިވެހި ފިލްމް އިންޑަސްޓްރީގައި އެކި ހައިސިއްޔަތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ސްކްރީން ރައިޓަރ މަޙުދީ
އަޙުމަދަކީ ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އޭނާ އަކީ ދާއިރާގެ އެހެން މީހުންނާއި ޚިލާފަށް، އޭނާ ހިއްސާވާ ފިލްމުތައް އެޅުވުމުގެ ކުރިންނާއި އެޅުވުމަށްފަހުވެސް ވަރަށް ޓެކްނިކަލްކޮށް، އަމިއްލަ މަސައްކަތަށް ފާޑުކިޔާ މީހެކެވެ.
ޕްރޮޑަކްޝަންގައި 3 އަހަރަށްވުރެ ގިނަދުވަހު އޮތުމަށްފަހު މަޙުދީގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “މިކޮއެ ބައްޕަ ބައޭ ބައޭ” ރޭ އޮލިމްޕަސް ސްކްރީންގައި ޕްރިމިއަރ ކޮށްފައިވާއިރު، މި ފިލްމުގެ ފުރަތަމަ ޝޯއަށްފަހު މަޙުދީ ވަނީ ފިލްމުގައި އެކި ގޮތްގޮތުން މަސައްކަތްކުރި ފަރާތްތަކަށް ވަކިވަކިން ޝުކުރު އަދާކޮށް، އެމީހުންގެ މަސައްކަތައް ސާބަސްދީ، ދިގު ފޭސްބުކް ސްޓޭޓަސްއެއް ލިޔެފައެވެ.
މަޙުދީގެ ސްޓޭޓަސްގައި، މީގެ ކުރިން މާބޮޑަށް ދެކެވިފައިނުވާ، ނަމަވެސް ފާހަގަކުރަންޖެހޭ ކަންތައްތަކެއް ހުއްޓެވެ. އެގޮތުން ފިލްމަކީ، ލ. ފޮނަދޫ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ “މަންދޭރާ ޕްރޮޑަކްޝަން” ގެ އަޙުމަދު ރަޝީދު ލިޔެފައިވާ، ހަމަ މިނަމުގައި ކުރު ފިލްމަކަށް ތައްޔާރުކި ސްކްރީންޕްލޭގެ ހުރިހާ ޙައްގެއް ގަތުމައްފަހު، ފީޗަރ ފިލްމެއްގެ ގޮތުގައި މަޙުދީ އަލުން ލިޔުނު ސްކްރީންޕްލޭ އަކަށް ވާއިރު، މީގެ އަސްލު ސްކްރިޕްޓަށްޓަކައި މަޙުދީ ވަނީ އަޙުމަދު ރަޝީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ސްޓޭޓަސްގައި މަޙުދީ ފާހަގަ ކޮށްފައިވާގޮތުން، މި ފިލްމުގެ ސްކްރީންޕްލޭ ލިޔަމުން ދިޔައިރުވެސް، ލީޑް ރޯލަށް ރިޝްމީ ނެގުމަށް ވަނީ ވިސްނާފައެވެ. އަދި ފިލްމުގައި ރިޝްމީ ދައްކައިދީފައިވާ އެކްޓިންގ އަށް ބަލާއިރު، ރިޝްމީއަށްވުރެ މި ފިލްމަށް ވަކި ރަނގަޅު އެކްޓެރެސްއެއް ނެތްކަން މަޙުދީ ވަނީ ފާހަގަ ކޮށްފައެވެ.
އަދި ފިލްމުގައި ފިރިހެން ލީޑްރޯލް ކުޅޭފައިވާ މުޙައްމަދު މަނިކަކީ އަބަދުވެސް މޮޅު އެކްޓަރެއް ކަމަށާއި މި ފިލްމުގައިވެސް އެކަން ފެނިގެން ގޮސްފައިވާކަން މަޙުދީ ފާހަގަ ކުރިއެވެ.
މި ފިލްމުގައި ކެމެރާމަނެއްގެ ހައިސިއްޔަތުން އަލީ ޝިފާއު (ޗިއްޕެ) ކޮށްދީފައިވާ މަސައްކަތާއި ނުލައި، ސްކްރީންޕްލޭއެއް އަދި ޑައިރެކްޓަރެއް ކުރާނީ ކީއްތޯ ސުވާލުކޮށް، މަޙުދީ ވަނީ ޗިއްޕެއަށް ޝުކުރު އާދާކޮށްފައެވެ.
އަދި ހުރިހާކަމެއް ފެއިލްވެގެންދާ ހާލަތުގައި އެކަންކަން ހަމައަކަށް އެޅުވެނީ އަޙުމަދު ޝިނާންގެ ކުޅަދާނަ ފަންނުވެރިކަމުންކަން ފާހަގަކޮށް، މަޙުދީ ވަނީ ޝިނާންގެ ހުނަރުވެރިކަމަކީ މަޙުދީގެ “ވިސްނުމުން ބޭރުގައިވާ” ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ފިލްމުގެ މިއުޒިކް ހަދާފައިވާ ކުޅަދާނަ މިއުޒީޝަން، މުހައްމަދު އިކްރާމްގެ މަސައްކަތް އަބަދުވެސް ފާހަގަކުރާ މަޙުދީ ވަނީ، އިކްރާމްގެ މަސައްކަތުން “މިކޮއެ ބައްޕަ ބައޭ ބައޭ” އަށް އެންމެ ފުރިހަމަ ފީލް ގެނެސްދެވިފައިވާކަން ފާހަގަކޮށްފައެވެ.
ފިލްމުގެ ޑައިރެކްޓަރ ރަވީ ފާރޫޤަށް އޮތީ މަހުދީގެ ސުވާލެކެވެ. “ތިންވަނަ ފިލްމައިގެން އުޅެންވީނުންހެއްޔެވެ؟”
ކުރު ނަމަވެސް، އެންމެ މުހިއްމު ޝުކުރެއް މަޙުދީ އަދާކޮށްފައިވަނީ ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު އަލީ (މޮގަރ) އަށެވެ. ތަފާތު ޖޮންރާތަކުގެ ފިލްމުތައް ދިވެހި ފިލްމު އިންޑަސްޓްރީއަށް ނެރުމަށް މޮގަރ ކުރާ މަސައްކަތް ފާހަގަކޮށް، “މިކޮއެ ބައްޕަ ބައޭ ބައޭ” ޕްރޮޑިއުސް ކުރުމުގެ ރިސްކު ނަގަން އެއްވެސް ޕްރޮޑިއުސަރަކު ބޭނުން ނުވި ވަގުތު، މިކަމަށް އިސްނެގި ކަމަށްޓަކައި މަޙުދީ ވަނީ މޮގަރއަށް ޝުކުރު އަދާކޮށްފައެވެ.
ރޭ ރިލީޒްކޮށް، މާދަމާ ރެއާއި ހަމައަށް އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ “މިކޮއެ ބައްޕަ ބައޭ ބައޭ” އަކީ ރަވީ އާއި މަޙުދީ އުފައްދަން ގަސްދުކުރި ދެ ކެރެކްޓަރުން/އެއް ތަނެއްގައި/އެއް ދުވަހެއްގެ ތީމްއަށް ތައްޔާރުކުރާ ޓްރިލޮޖީގެ ތެރެއިން 2 ވަނަ ފިލްމެވެ. މިތީމްގެ ފުރަތަމަ ފިލްމަކީ “އިނގިލި” އެވެ.
Newest
Previous
Next Post »